ކޮވިޑް-19 އާ ގުޅިގެން، މިހާރު އަމަލުކުރާ އައު އާންމު ހާލަތުގައި ސްކޫލްތަކުގައި މާއްދާތައް ކިޔަވައިދޭ ވަގުތު ތަކަށް ބަދަލު ގެނައުމަށް ނިއްމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ މި ހާލަތުގައި ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްތަކުގައި މާއްދާތައް ކިޔަވައިދޭ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށްވެސް އެ ސާކިއުލާގައިވެއެެވެ.

އެގޮތުން މިބަދަލާއެކު 45 މިނެޓްގެ ކްލާސްތައް 35 މިނެޓަށް ބަދަލުވެގެންދާއިރު ހަފްތާއެއްގައި މާއްދާއަކަށް ކިޔަވައިދޭ ވަގުތަކަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓްރީއިން އެސާކިއުލާގައި ބުނެފައިވެއެވެ.

އައު އުސޫލާއި އެއްގޮތަށް ކްލާސްތައް ނުގެންދެވޭނަމަ އެގަޑިތައް އޮންލައިންކޮށް ގެންދިއުމަށް ވަނީ ސާކިއުލާގައި އަންގާފައެވެ. އަދި އަލަށް މި ގެންނަ ބަދަލުތަކާއެކުވެސް ސެޝަންގެ ތެރެއިން އަތް ދޮވުމާއި އެހެން ކަންކަމަށް އެއްގަޑިއިރު ލިބޭގޮތަށް ސެޝަންގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ކްލާސްތައް ރޭވުމަށް އެދޭ ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

މިގޮތަށް ބަދަލު ގެންނަން ނިންމާފައި ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފަރާތުން ލިބުނު ހިޔާލާ މަޝްވަރާތަކަށްފަހު ކަމަށްވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން