އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުވާނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

މިއަދު އެސްޓީއޯ އިން ބުނީ ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރަށް މި މަހުގެ 15 ވަނަ ދުވަހު ޕްރޮޕޯސަލެއް ހުށަހެޅި ކަމަށެވެ. އެ ޕްރޮޕޯޒަލްގައި ފެނަކައިގެ ގަވަނަންސް ސިސްޓަމް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަދި ފެނަކައިން ކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށް ކުރާ ހޭދަ ކަމަށްވެފައި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމަ، މި އިންޓަގްރޭޝަނުން ދެ ކުންފުންޏަށް ފައިދާ ލިބޭނެ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އެސްޓީއޯގެ މި ޕްރޮޕޯސަލް ގަބޫލުކޮށް ފެނަކައަކީ އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

އިއްޔެ ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ޖެނުއަރީ 2025 އިން ފެށިގެން ފެނަކަ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި، ފެނަކައާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައި ކަމަށް އެސްޓޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން