ދިވެހި ސަރުކާރުން ފަލަސްޠީނު މައްސަލާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.

އަދާލަތުން މިހެން ބުނެފައިވަނީ ފަލަސްޠީނުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް، ރާއްޖޭގައި އަޑު އުފުލަމުން ގެންދެވި ޢާއިޝަތު ޝާދިޔާ އަދި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކުރި ކުރުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނީ ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން މުޅި ދުނިޔެއަށް އިޢުލާނުކޮށް އެތައް ސުރުޚީތަކެއް ހަދައި، ފަލަސްޠީނު ރައްޔިތުންނާ މުސްލިމް އުންމަތުގެ މަޤްބޫލުކަން ހޯދުމަށްފަހު އެކަން ނުކުރެވި އުޅުމާއި، ޙަމާސްގެ ލީޑަރު އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލުމާ ވިދިގެން ރަސްމީކޮށް ދިވެހި ދައުލަތުން ޢަމަލު ކުރެއްވި ގޮތާއި، އިސްރާއީލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން އައި ދެ އަންހެނުން ހައްޔަރުކުރުން ފަދަ ކަންކަމުން، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުޢޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުން ފަލަސްޠީނު މައްސަލާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑް ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތްކަމަށް އެޕާޓީން ދެެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީން ބުނިގޮތުގައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޤައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި އަދި ވަކިން ޚާއްޞަކޮށް މަސްޖިދުލްއަޤްޞާގެ ދިފާޢުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލައިގައި، އިންސާނިއްޔަތަށްޓަކައި ވެސް އަޑު އުފުލަމުންދާއިރު ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ގެންދެވި ދެ އަންހެނުން ހައްޔަރު ކުރުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އަދާލަތުން ވަނީ މިއަދު ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލަން ގޮވާލާފައެވެެ. އަދި ފަލަސްޠީނުގެ މައްސަލާގައި ދައުލަތުން ކުރުމަށް ވަޢުދުވެފައިވާ ކަންކަން ފުރިހަމަކުރަން ސަރުކާރަށް އެޕާޓީން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން