ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން މިއަދު 170 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ 160 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ބަލިޖެހުނު 170 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6079 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 164 ދުވަސް ވެފައިވާއިރު ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 170 މީހަކު ކަމަށެވެ. މީގެ ތެރެއިން 169 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 139 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 23 މީހަކާއި އިންޑިއާ 7 މީހުންނާއި ދެކުނު އެފްރިކާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 160 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 3648 އަށް އިތުރުވެފައެވެ.

މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2407 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 98175 ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 1427 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 144 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ 13 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 8 ފަތުރުވެރިންނާއި 13 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 18 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 24 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން