ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޖަލަށް ހުކުމްކުރި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބަލިވުމުން ގެއަށްބަދަލު ކުރިގޮތަށް ރައީސް ޔާމީނަށްވެސް އެފުރުސަތު ދެއްވުމަށް ޝައިޚު އިމްރާންގެ އެކުވެރި ޑރ.ޝަހީމް ވަޒީރު އިމްރާނަށް ގޮވާލައްވައިފިއެވެ.

ރައީސް ޔަމީންނަށް ޖަލުގައި އެކަށީގެންވާ ފަރުވާނުލިބި ގެއަށް ބަދަލުކުރަން ތަކުރާރުކޮށް އެދުމުންވެސް އެފުރުސަތު ރައީސް ޔާމީނަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނުދެއްވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާ ޖަލުގައި އޮންނެވި ދުވަހު ބަލިވުމުން ކަންތައް ކުރި ގޮތުގެ މަތީން މިއަދު ހަދާންކޮށް އެހެން މީހުންނާއިމެދުވެސް އެގޮތަށް ކަންކަން ކުރަން ދަސްކުރަން ޖެހޭކަމަށެވެ.

މިއަދު ރައީސް ޔާމީނަށް ޖަލުގައި އަނިޔާއެއްލިބި ކުރިމަތިވަމުންދާ އިހާނެތި ގޮތްތަކާއި މެދު ހިތާމަކުރައްވާކަމަށާއި، އިމްރާނަށް މިއަދު އެއަށްވުރެ ރަނގަޅު ގޮތްތަކެއް ރައީސް ޔާމީނަށް ހޯދައި ދެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެކުވެރި ޝައިހު އިމްރާން. ރައީސް ޔާމީނާއިމެދު ރަނގަޅަށް ކަންތައް ކުރައްވާ! ރައީސް ޔާމީނަށް ކުރިމަތިވަމުންދާ އިހާނަތި ކަންތައްތަކާއިމެދު ހިތާމަކުރަން. އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ތިޔަށްވުރެ ރަނގަޅަށް ކަންތައް ކުރެއްވޭނެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް އިމްރާން ހުންނެނީ ގޭގޭގައި." ޝައިހު ޝަހީމް ވިދާޅުވިއެވެ.

އިމްރާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައެއް ސާބިތުވެގެންނެވެ. އެ މުޒާހަރާގައި އިމްރާން އަޑުއުފުއްލެވީ ކުރީގެ ވެރިކަމުގައި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެވެ. އަދި އަނިޔާވެރި ގޮތަކަށް އަަހާރަކޮށްލާފައިވާ މަރްހޫމް ޑރ. އަފްރާޝީމުގެ މަރާއި ރައީސް ޔާމީނާއި ގުޅުވައިގެން ވާހަކަ ދައްކަވައި އެކަމުގެ ހެކިތައް ދައްކަވާ ހެއްދެވިއެވެ.

ޓެރަރިޒަމް ގެ ކުށުގައި ޖަލަށް ހުކުމް ކުރެވުނު އިމްރާންގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވުމާ އެކު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭތީވެ އޭނާ ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން އެދުމުން ކަރެކްޝަނުން ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ ގެއަށް ބަދަލުކޮށްދެއްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުމާއިހަމަޔަށްވެސް އިމްރާން އަނބުރައި ޖަލަށް ގެންގޮސްފައެއް ނުވެއެވެ. މީގެއިތުރުން ހުކުމުގައި ހުއްޓާ އައި ރަމަޟާން މަހުވެސް އިމްރާން ހުންނެވީ ގޭގައެވެ. އަދި އަނބިކަނބަލުން ރައްކައުވުމުގެ އާލާސްކަންފުޅާއި ގުޅިގެންވެސް އިމްރާން ގެއަށް ބަދަލު ކުރެއްވިއެވެ.

ނަމަވެސް މިއަދު ރައީސް ޔާމީނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަކީލުންގެ ބައްދަލުވުމާއި، އާއިލީ ބައްދަލުވުންތައްވެސް އެކަށީގެންވާ ގޮތަށް ނުލިބޭކަމަށް ބުނެ އާއިލާއާއި ގާނޫނީ ޓީމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީންގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވި ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރަން ކ. މާފުއްޓަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނެތް ކަމަށް ބުނެ އެ ރަށަށް އެރުމުގެ ހުުއްދަ ވަކީލުންނަށް ދީފައި ނުވުމަކީ ރައީސް ޔާމީނާ މެދު އަނިޔާވެރިވުން ކަމަށް ޒޭން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން