މާލީގެ ރައީސް އިބްރާހިމް ބޮބާކާ
މާލީގެ ރައީސް އިބްރާހިމް ބޮބާކާ
އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ މާލީގައި ސިފައިން ބަޣާވާތްކޮށް، ހައްޔަރުކޮށްފައިވާ އެޤައުމުގެ ރައީސް އިބްރާހިމް ބޮބާކާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮބާކާ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު، ބަޣާވާތްކުރި ސިފައިންގެ ބެލުމުގެ ދަށުން ވެރިކަންކުރާ ބަމާކޯގެ އަސްކަރީ ކޭމްޕެއްގައި ހުންނަވައިގެން ލައިވް ޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބޮލުގައި ބަޑިޖައްސާފައިވާ ހާލު ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަވައިގެން އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވަމުން ބޮބާކާ ވިދާޅުވީ، މާލީގެ ރައީސްކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވަނީ، ޤައުމުގައި އިތުރަށް ލޭ އޮހޮރުވައިގެން މަޤާމު ދިފާޢުކުރައްވަން ނޭދޭތީ ކަމަށެވެ. ރައީސް އިބްރާހިމް ވިދާޅުވީ އަސްކަރިއްޔާއިން ބަޔަކު އެކަމަށް ބޭނުންވާއިރު އޭނާއަށް އިތުރު “ޗޮއިސް”އެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިއަދު ޤައުމީ ދިފާޢީ ބާރުގެ ސިފައިންތަކެއް، ޤައުމުގައި ހިންގާ ބަޣާވާތް ހުއްޓާލުމަށް އޮތް ހަމައެކަނި ޝަރުތަކީ އަޅުގަނޑު މަޤާމުން އިސްތިއުފާ ދިނުން ކަމަށްވާނަމަ އިތުރު ގޮތެއް އަޅުގަނޑަށް އެބައޮތްތޯ؟" މަޖުބޫރުވެފައިވާ ހާލު އިސްތިއުފާ ދެއްވަމުން ބޮބާކާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް ބޮބާކާ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މާލީގައި މުޒާހަރާކުރަމުން ދިޔަ މީހުން މިހާރު ވަނީ އުފާ ފާޅުކުރަން ފަށާފައެވެ. މިގޮތުން ކުރިޔަށްދާ ހަރަކާތްތަކުގައި ބަޣާވާތުގައި ބައިވެރިވި ސިފައިންވެސް އަންނަނީ ބައިވެރިވަމުންނެވެ. އިއްޔެގެ ވަގުތެއްގައި ބޮބާކާ ހައްޔަރުކޮށްފައި ވަނީ، އިދިކޮޅު މުޒާހަރާ އާއި މާލީގެ ސިފައިންގެ ގިނަ ބަޔަކު ވަނީ ގުޅިފައެވެ. ހަމަނުޖެހުން ފެށުނީ އަސްކަރިއްޔާއިން ބަޔަކު ނިކުމެ އަސްކަރީ ބޭސްއެއް ހިފި ހިސާބުންނެވެ. އެއަށްފަހު އެމީހުން ވަނީ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްގެން އެ ބޭހަށް ގެންގޮސްފައެވެ. ބޮބާކާގެ އިތުރުން މާލީގެ ބޮޑުވަޒީރާއި، ފިނޭންސް މިނިސްޓަރގެ އިތުރުން ސަރުކާރުގެ އެހެން އިސް ބައެއް ބޭފުޅުންވެސް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލީގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ ބަޣާވާތަކުން އެޤައުމުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފެށީ، އެފަރާތްތަކުން މުޒާހަރާތައް ކުރިޔަށްގެންދާތާ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. މާލީގައި މުޒާހަރާތައް ފަށާފައިވަނީ ޤައުމުގެ އިޤުތިޞާދު ދަށަށް ގޮސް، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވުމުންނާއި ހަނގުރާމަވެރިންގެ ބާރުގަދަވެ، ނުރައްކާ ބޮޑުވަމުން އަންނާތީ ކަމަށް ބުނެ އެވެ."ޖޫން 05 އިއްތިހާދު"ގެ ނަމުގައި ކުރިޔަށްގެންދާ މި މުޒާހަރާތައް މިދިޔަ ޖޫން މަހުން ފެށިގެން ސިލްސިލާކޮށް އަންނަނީ ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން