ކޯވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި އަންނަ ހަފްތާގެ ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖައްސައިފިއެވެ.

އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ ކުރަމުންނެވެ. އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން މިހާރު ކޮމިޓީން ކުރިއަށްގެންދާ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ބޭފުޅުން އަންނަ ހަފްތާގެ ހޯމަ ދުވަހު ހާޒިރު ކުރުމަށް ނިންމާފައިވާކަމަށް ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ތަކެތި ހޯދަން ހަވާލު ކުރާ ކުންފުނީގެ މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަށް ބެލުމަކީ ބިޑު ކޮމެޓީގެ ޒިންމާއެއް ކަމަށާއި އެހެން ނަމަވެސް އެކަން އެއްވެސް ވަރަކަށް ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ބިޑު ކޮމެޓީގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި މާލީ ޒިންމާދާރު ވެރިޔާގެ އިހުމާލު ވެސް އެބައޮތް ކަމަށެވެ.

ޒިޔަތު ވިދާޅުވީ، ބިޑު ކޮމެޓީއަށް ފައިނޭންސް އެގްޒެކްޓިވް ފޮނުވި ލިޔުމުގައި ވެސް ވަނީ ވަކިބަޔަކު ސެލެކްޓް ކޮށްފައިކަމަށާއި، އެ މެމޯގައިވެސް ބުނެފައިވަނީ އެއީ ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕަރެސެންޓޭޓިވް އާއި މިނިސްޓަރާ މަޝްވަރާ ކުރެވިގެން ހަމަޖައްސާފައިވާ ފަރާތެއް ކަމަށެވެ. ޑަބްލިޔުއެޗްއޯއިން އޮޑިޓް އޮފީހަށް ފޯރުކޮށްދިން މައުލޫމާތާއި ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިޑު ކޮމެޓީގެ އިހުމާލު ވަރަށްބޮޑު ކަމަށާއި، މާލީ ޒިންމާދާރުވެރިޔާގެ އިހުމާލުވެސް އޮތް ކަމަށް ޤަބޫލު ކުރެވޭކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، 34 މިލިއަން ރުފިޔާ އަށް ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަށް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

އަދި މައްސަލަ ބޮޑުވެފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަންވެސް އުޅުނުކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން