ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ގޮސް އުޅޭ އަވައްޓެރި އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ ދިނުން މެދުކަނޑާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ހިދުމަތް، އާސަންދަ ދިނުން މެދުކަނޑާލި ދެ ހޮސްޕިޓަލަކީ ބެންގަލޫރުގެ އަސްޓަ ސީއެމްއައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ.

އާސަންދައިން ބުނީ އެ ދެ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލީ ފައިސާ ފަހުން ދޭ ގޮތަށް، ކްރެޑިޓަށް ހިދުމަތް ނުދޭތީ ކަމަށެވެ. އަސްޓަ ސީއެމްއައި ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުކަމަށާއި ސައިޓް ކެއާ ހޮސްޕިޓަލަކީ ވަރަށް ފަހުން އާސަންދަ ދޫކުރަން ފެށި ހޮސްޕިޓަލެއް ކަމަށް އާސަންދައިން ބުނެފައި ވެއެވެ.

މި ދެ ހޮސްޕިޓަލުންވެސް އާސަންދައިގެ އަގުތަކަށް ބަލާ ރަނގަޅު އަގުތަކެއް ހަމަޖެހުމުން އަލުން އާސަންދަ ދޫކުރަން ފަށާނެ ކަމަށް އާސަންދަ އޮފީހުން ވަނީ ބުނެފައެވެ.

ޖެނުއަރީ 2022 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސަންދައިން އެސްޓަ ސީއެމްއައި ހޮސްޕިޓަލަށް 7,780,674ރ ހަރަދުކޮށްފައިވެ އެވެ. އަދި އެ މުއްދަތުގައި ސައިޓް ކެއާ ހޮސްޕިޓަލަށް އާސަންދައިން 3,642,978ރ ހަރަދުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދުމަށް ގޮސް އުޅޭ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދަ ދިނުން ވަނީ މެދުކަނޑާލާފަ އެވެ. އެކަމާ ގުޅިގެން އެންސްޕާއިން ބުނީ މަނިޕާލް ހޮސްޕިޓަލުން ހިދުމަތް ފޯރުކޮށްދޭ އަގުތައް ބޮޑު ކަމުން ހިދުމަތްތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން