ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުން އަލުން ބަލައިދިނުމަށް ޕީޖީން އެދުމުން އެމައްސަލަ އަލުންހުޅުވައި ތަހުގީގު ފަށައިފިއެވެ.

އޭސީސީން ވިދާޅުވީ ޕީޖީގެ އޮފީހުން އެ މައްސަލައިގެ ތަފްސީލު ބޭނުން ވާތީއާއި މައްސަލަ އަލުން ބަލައި ދިނުމަށް އެދުމުން މައްސަލަ އަލުން މުރާޖަޢާކޮށް އޭސީސީން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތަހުގީގް ފަށާފައިވާކަމަށެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އާންމު ފަރާތަކުން ފުލުހުންނަށް ވަނީ މައްސަލައެއްވެސް ހުށަހަޅައިފައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާއަށް ޝިޔާމް ބޭނުންކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މިސިޓީގައި ބުނެފައިވެއެވެ.

އަދި މިފުރުސަތަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ނެތް ނަމަ ޝިޔާމަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށް ސިޓީގައިވެއެވެ. އަދި ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް ވެސް އެކަށައަޅާފައި ނުވަނީސް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ސިފައިންގޭގައި އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑްގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން އެކި މީހުން ހުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެހެންކަމުން ޝިޔާމްގެ ބައްޕަ އެތާނގައި ދިރިއުޅެއްވީ ނާޖާއިޒް ފައިދާއެއް ހޯދުމުގެ މަގުސަދުގައި ނޫން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން