ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ 21 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ކުރެވުނު ހޭދަތަކުގައި ބޮޑެތި ކޮރަޕްޝަން ހުރިކަން ހާމަވެފައިވާއިރު މިކަންކަމާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅެމުންދާތަން ނުފެންނަކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ މިމައްސަލާގައި ޝާމިލުވާ ދައުލަތުގެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އަދި މިއީ ދިވެހި ދައުލަތް ނުހަނު ބޮޑަށް އިޤްތިޞާދީ ގޮތުން ބަލިކަށި ވެފައިވާ ވަގުތަކަށްވާއިރު ބަޖެޓުން ފައިސާ ޚަރަދު ކުރުމުގައި އެއްވެސް ބެލުމެއްނެތި ޚަރަދު ކޮށްފައިވާކަމީ ބަލަންޖެހޭ ކަންތައްތަކެއްކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ވައްކަމުގެ ވާހަތައް އަޑުއިވި، މިއީ ކީރިތި ކުރައްވަން އިންނަވަންވީ ވަގުތު ނޫންކަމަށެވެ. މިހާލަތުގައި ސަރުކާރުން ޖެހޭނީ އަޅަންޖެހޭ ކޮންމެފިޔަވަޅެއް އަޅަންކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އެތައް ރައްޔިތުން އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާކަންކަން ނުފުދި ދަތި ހާލުގައިތިބި އިރު ސަރުކާރުން އަޅާލާ މަންޒަރު ނުފެންނަކަމަށް މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވަނީ އިދިކޮޅު މެމްބަރުން ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. މެމްބަރުން ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުގައި އޮޑިޓް ރިޕޯޓް ނެރުމުން ފިޔަވަޅު އަޅަނީ ރިޕޯޓް ނެރުއްވާ މީހާއާ މެދުގައި ކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ މިކަންކަމުގައި ޝާމިލުވާ މީހުންނާއިމެދު ފިޔަވަޅު އަޅާ މަންޒަރުކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ފަރުވާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން މެޑިކަލް ސާމާނު ހޯދި އިރު އޭގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރު ހޯދުމުގައި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމާއި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ކޮށްފައި ވާތީ އެ މައްސަލަ ބަލަން ފުލުހުންނާއި އޭސީސީ އަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން