ވަޒީފާއާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށާއި އެ ފަރާތްތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައްވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ. މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ބަޔާންކޮށްފައި ވެއެވެ.

ރައީސް މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން