ބްރިޖުގެ ލޭނެއް މަދު ވާހަކަ ދައްކައިގެން ސަމާލުކަން ހޯދަން މަސައްކަތް ކުރަނީ މި ސަރުކާރުން ގާނޫނު ހިންގާނެކަން ކަށަވަރު ވާތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިރޭ އެކްސްގައި ވިދާޅުވީ، ލޭނެއްގެ ވާހަކަ ނަގައިގެން ސަމާލުކަން ހޯދަން މަސައްކަތް ކުރަނީ ސަރުކާރުން ގާނޫނު ހިންގާނެކަން ކަށަވަރު ވާތީ ކަމަށާއި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާނެކަން ޔަގީންވާތީ ކަމަށެވެ.

އަދި ލޭންގެ ވާހަކަ މިހާރު ދައްކަނީ ކެމްޕޭނަށް ޕީޕީއެމަށް ލިބުނު 100 މިލިއަން ރުފިޔާ "އަމިއްލަ އެކައުންޓްގައި" ހުރިކަން ކޯޓުގައި އެއްބަސްވެ ވަޑައިގެންފައިވާތީ އެ ފައިސާ ހޯދަން ޕީޕީއެމުން މަސައްކަތް ކުރާނެކަން އެނގޭތީ ކަމަށް ވެސް ޚަލީލް ވަނީ ވިދާޅުވެފައެވެ.

ޚަލީލްގެ ޕޯސްޓްގައި އިޝާރާތް ކުރައްވާފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިފަހުން ބްރިޖުގެ ލޭނެއް މަދުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަބަބުންކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ އެކަމަށް ޢިޝާރާތް ކުރައްވައެވެ. އަދި ޚަލީލު އެ ވިދާޅުވާ 100 މިލިއަން ރުފިޔާއަކީ ރައީސް ޔާމީނުގެ މައްޗަށް ކުރި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ތަކުގައި ރައީސް ޔާމިން ދައްކަވާފައިވާ ވާހަކަފުޅެކެވެ.



ސިނަމާލެ ބުރިޖުގެ ލޭނެއް މަދުވި ކަމަށް ބުނެ އެކަމުގައި ރައީސްގެ ބައިވެރިވުން އޮތްކަމަށް ޔާމީން ތުހުމަތު ކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ބްރިޖުގައި ބައިސްކަލަށް ހާއްސަކޮށް ހަދަން އުޅުނުކަމަށް ބުނާ ލޭނެއްގެ ވާހަކަ އިދިކޮޅުން މީސްމީޑިއާގައި އެކި ގޮތްގޮތަށް ދައްކައި ރައީސް ޑރ މުއިއްޒުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަންނަނީ އަޅުވަމުންނެވެ.

ނަމަވެސް، އެ ތުހުމަތަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށް ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޚަލީލް ފާހަގަ ކުރައްވާފައިވާ 100 މިލިއަން ރުފިޔާއަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމަށް ލިބުނު ފައިސާތަކެއް ކަމަށް އެ ޕާޓީގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އެ ފައިސާ ޖަމާކޮށްފައިވަނީ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށެވެ. އަދި ޔާމީން ވެސް ވަނީ އެ ފައިސާ އަކީ ސިޔާސީ މަސައްކަތަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފައިސާކަމަށް ކޯޓުގައި އެކިފަހަރުމަތިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން