ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 43 އަހަރުގެ ތަސްލީމް ހޯދަަން ފެށިކަން ފުލުހުން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެެވެ. އެއީ އޭނާ ގެއްލުނުތާ 24 ގަޑިއިރު ފަހުންނެވެ.

ފުލުހުން މިއަދު ބުނީ ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު މިހާތަނަށް ވެސް ފެނިފައި ނުވާކަމަށާއި, އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. އަދި ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކު އުފެދޭ ބައެއް ކަންކަން ހުރުމުން ޖިނާޢީ މައްސަލައެއްގެ ގޮތުގައި އެމައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނީ ދަތުރު ދިޔަ ފަހުން ތަސްލީމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުން ދިނުމާއެކު، ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި އެމްއެންޑީއެފުން ބައިވެރިވެ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ބަލައިފައިވާ ކަމަށެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތަސްލީމް ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންވެ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ތަސްލީމް ގެއްލުނު ކަމަށް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ތަސްލީމް އެންމެ ފަހުން ފެނުނީ އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަށް ތަސްލީމާއެކު 15 މީހުން ދިޔަ ކަން އެނގިފައިވެއެވެ.

ފުލުހުން ވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް ދަތުރުދިޔަ ބަޔަކު އުޅޭ ނަމަ، އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި އެކަމުގެ މައުލޫމާތު ދިނުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން