މާލޭގައި އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައިގައި ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައިގައި ދޫނިދޫގައި ހައްޔަރު ކޮށްފައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިހާރު ވަނީ ފަށާފައެވެ.

އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވާފައިވަނީ އޭނާގެ ބޮލަށް މުގުރުން ހަމަލާދީ ބާރުގެ ބޭނުންކޮށްގެންނެވެެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދިން ކަމަށް ފުލުހުން ބުނެއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެެވެ. އަތުހަރު ދޫނީދޫ ކަސްޓޯޑިއަލް ޖަލަށް ގެންދިޔައީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެެވެ.

އޭނާ މަރުވީ މިއަދު ހަވީރު 16:08ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އައިޖީއެމްއެޗުން ވެސް މިހާރު ވަނީ އަތުހަރު މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން