ރިޔާސީ ވައުދާ އެއްގޮތަށް، ގެޒެޓުކޮށްފައިވާ ފަރާތްތަކަށް، ގަވާއިދާ ޚިލާފުނުވާނަމަ ގޯތި ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމައްވާ، ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށެެވެ. އެގޮތުން ގެޒެޓްގައި ނަން ޢާންމުކޮށްފައިވާ ކޮންމެ ބޭފުޅަކަށް، އެމަނިކުފާނުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ޤަވާޢިދާ ޚިލާފުނުވާ ކަމަށް ވާނަމަ ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެެ. އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫޢުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާ ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާ ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން