މާލެސިޓީގެ މޭޔަރު ޝިފާ މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީން ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަދާކުރައްވަން ޖެހިވަޑައިގަންވާ ޒިންމާތަކާއި، މޭޔަރު ޚިލާފުވެވަޑައިގެންފައި ވާކަމަށް ތުހުމަތު ކުރައްވައި މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށް ހުށައަޅުއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީނެވެ.

މާލޭ ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޝިފާގެ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމީ ކައުންސިލް ހިންގަވަން ޝިފާ އިހުމާލުވެވަޑައިގެންފައިވާ ކަމަށް ބެލެވޭތީ، އެކަމުގައި ޖަވާބުދާރީވެވަޑައިގަތުމަށް ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ އަށް ފުރުސަތު ދެއްވުމަށެވެ.

އެލްޖީއޭގެ އުސޫލްގައި އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމުން އަނެއްކާވެސް އެ މައްސަލަ ފަޒީން ހުށަހެޅުއްވީ 39 މައްސަލައެއް ފާހަގަކޮށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.

ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ. އަދި މޭޔަރު ކައުންސިލް ހިންގެވުމަށް އިހުމާލެވެވަޑައިގެންފައި ވާތީ އެކަމަށް ޖަވާބުދާރިވުމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މާލެ ސިޓީކައުންސިލް އެކުލެވިގެން ވަނީ މޭޔަރާއި ޑެޕިއުޓީ މޭޔަރާއިއެކު ޖުމްލަ 13 މެންބަރުންގެ މައްޗަށެވެ.

މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ ކުރިންވެސް ކައުންސިލްގެ ބައްދަލުވުމަށް ހުށައެޅުމަށް މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެމައްސަލަ އެޖެންޑާނުކުރުމުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއަށްވެސް ހުށައެޅިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން