އަންހެނަކު ރަހީނުކޮށް މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި އާދަމް އަތުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށަިފިއެވެ.

އަތުހަރު މަރުވީ ޖަލުގައި ހުއްޓާ އަމިއްލައަށް ދަން ޖެހުނު ފަހުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ދަންޖެހިފައި ހުރި މަންޒަރުތައް ދައްކައިދޭ ވީޑިއޯ ފުޓޭޖްވެސް ރޭ ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ.

އަތުހަރު ދަންޖެހުނު ކަމަށް ބުނާ ހާދިސާގެ ކުރިން އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭނާގެ ބޮލަށް އަނިޔާ ލިބުނީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި ހާދިސާގައި އެ އަންހެންމީހާ ސަލާމަތްކުރުމަށްޓަކައި ފުލުހަކު މުގުރަކުން އަތުހަރުގެ ބޮލަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ.

އަތުހަރުގެ މަރާ ގުޅިގެން އެޗްއާރުސީއެމްއިން ރޭ ނެރުނު ބަޔާނުގައި ބުނީ އަތުހަރުގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބަލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އަދި އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އަމަލުކުރި ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އަތުހަރު އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ، އެކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް، އެ މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ، ހަމަ އެހެންމެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުހަރު މަރުވި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ވެސް ބަލަމުންދާ ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ،


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން