ސަރުކާރު ޒިންމާދާރު ކުރުވުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއެކު މަޝްވަރާ ބައްދަވުމެއް ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ޑީއާރުޕީގެ ލީޑަރު އަދި ޗެއާމަން ޖާބިރާއި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގައި ޕީޕީމްއެމް/ ޕީއެންސީގެ އިސްބޭފުޅުންވެސް ބައިވެރިވެ މަޝްވަރާ ކޮށްފައިވެއެވެ.

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސޮއިކުރައްވައި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެޕާޓީގެ ލީޑަރ ޝިޕްގެ ފަރާތުން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއެކު މިސަރުކާރު ޒިންމާދާރު ކުރުމަށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަކާއި މެދު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަޝްވަރާ ކުރުމަށް އަވަސް މުސްތަގްބަލެއްގައި ބައްދަލުވުމެއް ހަމަޖައްސައި ދިނުމަށް އެސިޓީގައި ވަނީ އެދިފައެވެ.

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއާއި ޑިއާރުޕީއާއިއެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ. މިބައްދަލުވުމުގައި 2 ފަރާތުން ގުޅިގެން ސިޔާސީ މަސައްކަތް ކުރުމާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވޭ." މިބައްދަލުވުމާއި ގުޅޭގޮތުން ޕީޕީއެމްއިން ބުނެފައިވެއެވެ.

ސަރުކާރު ޒިންމާދާރު ކުރުވުމަށް ޑީއާރުޕީގެ ފަރާތުން އިދިކޮޅު ކޯލިޝަނަށް ސިޓީއެއް ފޮނުވާފައިވާއިރު، ޖާބިރު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި މި ސަރުކަރަށް އެކި ގޮތްގޮތުން ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޖާބިރު ވަނީ ރައްޔިތުންގެ ފައިސާއިން ސަރުކާރުގައި ތިބޭ މީހުން ވައްކަން ކުރާ ކަމަށް ވިދާޅުވެ ރައީސް ޞާލިހާއި މިސަރުކާރު ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން