ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ޙަމްދީ ޢަޤީލް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ޙަމްދީ ޢަޤީލް
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.

ޕީސީބީން މިއަދު ދަޢުލަތުގެ ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ޚާއްސަ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އެއްބާރުލުން ދިނުމަށްޓަކައި ދައުލަތުގެ ވިޔަފާރި ކުންފުނިތަކުންވެސް ހަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ސަރކިއުލާގައި ބުނެފައިވެއެވެ.

އެގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް ކުންފުނިތަކަށް އަންގާފައިވެއެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތައް 6 ގަޑިއިރަށްވުރެ ދިގު ނުވާނަމަ ފަސްޓް ކްލާހުން ދަތުރު ނުކުރުމަށާއި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދީގެން ކުރާ ދަތުރުތަކުގައި ކުންފުނިން ކުރަން ޖެހޭ ހަރަދުތައް ވީހާވެސް ކުޑަކުރުމަށްވެސް ވަނީ އަންގާފައެވެ.

އޭގެއިތުރުން ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީގައި ކުރުމަށާއި އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެގޮޮތަށް ދަތުރު އިންތިޒާމު ކުރުމަށާއި ކުންފުންޏަށް ސީީދާގޮތުން ފައިދާވާ ފެއާތަކާއި މަހާސިންތާ ތަކުގައި ނޫނީ ބައިވެރި ނުވުމަށް އަންގާފައިވެއެވެ.

ޕީސީބީން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ނަމަވެސް ކުންފުނި ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނޫނީ އެހެން މުވައްޒަފުން ނުނަގަންވެސް އަންގައިފައެވެ.

އަދިހަމަ އެހެންމެ ޕީސީބީގެ ހުއްދައާ އެކު ނޫނީ މުވައްޒަފުުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަންވެސް ޕީސީބީން ކުންފުނިތަކަށް މިއަދު ފޮނުވި ސަރކިއުލާގައި ވަނީ އަންގާފައެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން އަންގާފައިވާއިރު ސަރުކާރު ޙިއްސާވާ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ކެބިނެޓުން މިހާރުވަނީ ނިންމާފައެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަގުސަދުގައި އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން