ޓެރަރިސްޓް އިސްރާއިލުގެ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ބުނެ ސަޢޫދީ ސަފީރުގެ އިމްތިޔާޒަށް އަރައިގަތް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ އަންހެނުން، އައިޝާތު ޝާދިޔާ ދޫކޮށްލުމަށް ޝައިހް އަލީ ޒައިދު ގޮވާލައްވައިފި އެވެ.

ޑރ. އިޔާޒްގެ އަންހެނުންނާއެކު ޑރ. ޝަޒްރާ އިބްރާހީމް ވެސް އެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެވެ. އެ ދެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.

އެ މައްސަލައިގައި އިޔާޒްގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު އިޔާޒްގެ އެންމެ އެކުވެރި އެއް ބޭޅެއްގެ ގޮތުގައި ބެލެވޭ ޝައިހް ޒައިދުވެސް ވަނީ ފުރަތަމަ ފަހަރަށް އެކަމުގައި ދެކިވަޑައިގަންވާ ގޮތް ހާމަކުރައްވަައިފަ އެވެ.

ޝައިހް ޒައިދު އެކްސްގައި މިއަދު ވިދާޅުވީ އިހުތިޖާޖުކުރުމުގައި އަނެކުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަކީ ލާޒިމު ކަމެއް ކަމަށާއި އަދި އެއްވެސް ސަފީރެއްގެ ގެކޮޅުގެ އިމުގެ ތެރެއަށް އެސަފީރެއްގެ ހުއްދައާ ނުލައި އެއްވެސް އެއްޗެއް އެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެ ކަމަށެވެ.

އެހެން ނަމަވެސް އިޔާޒްގެ އަންހެނުން "އެފަދަ ޢަމަލެއް ހިންގާފައިނުވާހިނދު، އެބޭފުޅާ ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާފުވެރިގޮތެއް ކަމުގައި ޤަބޫލުކުރަން ދަތި ކަމަށް" ޒައިދު ވިދާޅުވި އެވެ. އަދި އިޔާޒްގެ އަންހެނުން އެއްވެސް ފެންސެންގެ ތެރެއަށް ތަކެތި އެޅުމުގެ ޢަމަލެއް ކޮށްފައިވާކަމަށް ފެންނާކަށްނެތް ކަމަށް ވެސް ޒައިދު ވިދާޅުވި އެވެ.

"ވީމާ އެބޭފުޅާ ބަންދުން ދޫކޮށްލުން އެދެމެވެ." ޒައިދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޝައިހު ޒައިދާއި ޝައިހް އިޔާޒްއަކީ ސިޔާސީ ގޮތުން އެއް ފިކުރެއްގެ ދެ ބޭފުޅުން ނެވެ. އެގޮތުން ދެ ބޭފުޅުން ކުރިން އެމްޑީޕީއަށް ތާއިދު ކުރެއްވި ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހުން ޒައިދު ފެންނަމުންދަނީ ރައީސް މުއިއްޒަށް ތާއިދު ކުރައްވާ ތަނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން