ފުލުހުންގެ އިދާރާއިން ކޮށްފައިވާ ތަހުގީގެއްގެ ރިޕޯޓެއްކަމަށް ބުނެ ބަޔަކު ފޭކު ރިޕޯޓެއް ހަދައިގެން ދައުރު ކުރަމުންދާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2016 ވަނަ އަހަރު އޭރުގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ފުލުހުން އެކުލަވާލި ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް މީސްމީޑިއާގައި ދައުރުކުރަމުން ދާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ލެޓަރހެޑަކީ ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ލެޓަރހެޑު ނޫންކަމަށާއި އޭގެ އިތުރުން އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުން ކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ކަމަށާއި އެ ސޮއި ބޭނުންކުރީ ފޯޖް ކޮށްގެން ކަމަށް ބަޔާނުގައި ވެއެވެ.

ފުލުހުންބުނީ، ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓު ކޮޕީ ކޮށްގެން އަދި ފުލުހުންގެ އިސްވެރިންތަކެއްގެ ސޮއި ފޯޖުކޮށްގެން ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށެވެ.

އޭގެ އިތުރުން އޭސީސީގެ ނަމުގައި ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރު ކުރާ މައްސަލައެއް ވެސް އެ ކޮމިޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި ދަނީ މި ރިޕޯޓުގެ ވާހަކަ ތަކުރާރުކޮށް ދައްކަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން