އަމިއްލަ ފަރާތްތަކުން ކާބޯތަކެތީގެ ވިޔަފާރިކުރާއިރު، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ހަދަންޖެހޭ ގޮތަށް، އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އުސޫލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ.



މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިއަދު ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައްޔާއި އެމްއެފްޑީއޭގެ ދިރިތި ޕޯޓަލްގައި މިހާރު ޝާއިއުކޮށްފައިވާނެ ކަމަށެވެ. އެ މިންގަނޑަށް އަމަލު ކުރުމަށް އާންމުކޮށް އަންގައި، އެ އޮތޯރިޓީންވަނީ އިއުލާންކޮށްފައެވެ. މި އުސޫލުތަކުގެ ދަށުން، އެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށް ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ.

އައު އުސޫލުގައި ބުނެފައިވަނީ ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އުސޫލު ބުނާގޮތުން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން ތަންތަން ފާސް ކުރެވިދާނެއެވެ. އަދި ހުށަހަޅަން ޖެހޭ ޗެކްލިސްޓާއި އިގުރާރުތައް އަހަރަކު އެއް ފަހަރު އެމްއެފްޑީއޭ އަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

އައު އުސޫލުގައި ބުނީ ކާބޯތަކެތި އުފައްދާއިރު، އުފެދޭ ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެގެން ނުވާނެ ކަމަށެވެ. އަދި ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު އެކަމުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ކާބޯތަކެތި ތައްޔާރު ކުރެވޭނީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ނުވަތަ އެމްއެފްޑީއޭ އިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެެވެ.

އައު އުސޫލުގައި ބުނެފައިވާގޮތުން ކާބޯތަކެތި ތައްޔާރު ކުރާ ވަގުތު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުމާއި އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ނުކުރުމާއި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބަދިގެ އާއި ހިފާ ގެންގުޅޭ ސާމާނާ އާލާތްތަކުގައި ހުންނަން ޖެހޭ ސާފު ތާހިރުކަމުގެ މިންގަނޑުތަކާއި ކާބޯތަކެތި ތައްޔާރު ކުރާ މީހާ ވެސް އަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް އެ އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ޖަނަވާރާއި ދޫނި ފަދަ ތަކެތި ކާތަކެތި ތައްޔާރު ކުރާ ސަރަހައްދުގައި ނުގެންގުޅުމާއި ކާބޯތަކެތި ރައްކާތެރި ކުރުމާއި ކުނި ނައްތާލުމުގެ މިންގަނޑުތަކެއް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިފަދަ އުސޫލެއް އާންމު ކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބައެއް ބިދޭސީން ސާފުތާހިރުކަމެއްނެތި ކައްކައި އެތަކެތި ވިއްކަމުން ގެންދާ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިފަހުން އެފަދަ ވިޔަފާރި ކުރާ ބައެއް ބިދޭސީން މަސައްކަތް ކުރާ ގެ ތައް ބަލައި ފާސްކޮށް އެކަން ކުރަމުންދިޔަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންގޮސް ވަނީ ޑީޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން