ބޮޑުތަކުރުފާނުގެ ޖިހާދުގެ ޒިކުރާ އާކޮށް އިބުރަތް ލިބިގަތުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް މުހިންމުކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައެވެ. ޤައުމީ ދުވަަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހާދިސާ އާއި ގުޅިގެންނެވެެ.



ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދީނާއި ޤައުމުގެ ދިފާޢުގައި ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދުގެ ޛިކުރާ މިއަދު އައުކުރަންޖެހޭ ކަމަށެވެ. އަދި ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދުގެ ޛިކުރާ އައުކޮށް އެއިން އިބުރަތް ލިބިގަތުމަކީ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ކޮންމެހެން މުހިއްމުކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމްއަކީ މީލާދީން 1573 އިން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 އިން 993 އަށެވެ. މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 981 ވަނަ އަހަރު ގައެވެ. ދިވެހި ތާރީޚުގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑުތަކުރުފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލެވެ. ބޮޑުތަކުުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ހާދިސާ ހިނގާފައިވަނީ ހިޖުރީ ސަނަތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 01 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން