ގައުމީވަންތަކަން ގެއްލޭ ނިންމުންތަކުން ދިވެހި ޖައްވުގައި އަނެއްކާވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހާއި ގުޅިގެން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާޢިލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމަ މިނިވަންކަމާއެކު، ގައުމެއްގެ ސިފައިގައި ރާއްޖެ އޮތުމަށްޓަކައި ފަރުދީ، ދާޚިލީ އަދި ޚާރިޖީ މިނިވަންކަން އެކުއެކީ ދެމެހެއްޓުން ނުހަނު މުހިއްމު ކަމަށެވެ. އަދި ތާރީޚު ހެކިދޭގޮތުން، ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަމެއް މެދުވެރިވެފައި ވަނީ، ދިވެހީންގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއަށްޓަކައި ނުވަތަ ރައްޔިތުންނަށް މޮޅުގޮތް ހޯދައި ދިނުމުގެ ނަމުގައި ހިންގި ފަރުވާކުޑަ އަދި ނޭއްގާނީ ޢަމަލުތަކެއްގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ގައުމީ ދުވަހަށް އަލިވިލޭއިރު، ޤައުމިއްޔަތާއި އަދި ޤައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް މިވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައެވެ،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމީ ދުވަހަކީ އެ ކަންކަމުގެ މައްޗަށް ރައްޔިތުން ބަސްބުނެ، އަޑު އިއްވަން އެންމެ މުނާސަބު ދުވަސް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި ގަައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެދުވަސް ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑުތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން