ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން މަސައްކަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކު ވެސް އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެެވެ.

ރައީސް ވިދާޅުވީ ގައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު ކަމަކީ އެގައުމެއްގައި އުޅޭ މީހުން ސަލާމަތްކުރުން ކަމަށެވެ. އަދި ގައުމެއްގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ ދީނާ ޚިލާފު ގައުމާއި ދެކޮޅު މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު އެތައް ކަމެއް ހިންގަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަންކަމުން ގައުމުތަކަށް ބޮޑެތި ފިކުރީ ކާރިސާތައް އައިސް ގައުމުތައް އެފުށް މިފުށަށް ޖެހެމުންދާކަމަށެވެ. އެގޮތުން ދުނިޔެއަށް އެންމެ ބޮޑެތި ބަދަލުތައް އައިސްފައިވަނީ ބަވަނަވުމުގެ ތޫފާން ތަކުގެ ތެރެއިންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ އެކަންކަމަކީ އެންމެ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރުވެރިވާން އެކަށައަޅާފައި ހުރި އެޖެންޑާތައް ކަމަށެވެ.



ރައީސް ވިދާޅުވީ އެކަންކަން އަޅުގަނޑުމެންގެ މައްޗަށް ތަންފީޒުވަމުންދާއިރު އެއިން ކުރާ ނޭދެވޭ އަސަރުތަކާއި ނުރައްކާތަކާއި ލޮލަށް ނުފެންނަ އޮއިވަރުތައް އެބަހުރި ކަމަށެވެ. އަދި އެފަދަ އޮއިވަރުތަކުގައި ޅަ ޖީލުތައް ބެހިގެންދާކަމަށާއި އެކަން އެހެންވާކަށް އިހުސާސްކުރެވެނީ ވަރަށް މަދުބަޔަކަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިފަދަ އޮއިވަރުތަކުގައި ގައުމުގެ ދީނަށް ހަމަލާދެވޭ، ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލެވޭ، އެކަމަށްޓަކައި އެތަނުގެ ގަދަރުވެރިންނާއި ދީނުގެ އިލްމްވެރިންގެ އަގު ވައްޓާލެވޭ، ދީން ދިފާއު ކުރުމުގެ އެންމެ ބޮޑު ގާނޫނީ ބާރެެއް އޮންނަނީ ގައުމުގެ ވެރިންގެ ކިބައިގައި ކަމުގައިވާތީ ވެރިންގެ އަގުވައްޓާލެވޭ، މުވައްސަސާތައް ގުރުބާންކޮށްލެވޭ، ޝޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ތަފާތު އުފެެއްދުންތަކުން ގައުމުގެ މުޅި ޖަމާޢީ ސިކުނޑިތައް ހޭރިޔާކޮށްލެވޭ، ކުޑަކުދިންނާއި ޒުވާނުންނާއި ހަރުމީހުންނަށް ދާންދެން ދީނާއި ޚިލާފު ގައުމަށް ގެއްލުންހުރި ވިސްނުންތަކާއި އަމަލުތަކެއްގެ ކަނޑަށް ޣަރަޤުކޮށްލެވޭ، އެހެންވީމާ ރަށްގިރުމާއި އުދައެރުމުން އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަށް ސަލާމަތްކުރަން މަސައްކަތްކުރާ ފަދައިން ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންއެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދިވެހި ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް ޢަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ގޮވާލައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން