ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއްކުރުމުގެ ދާއިރާއިން އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށާއި ޞިއްޙީ ދާއިރާއިން ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފަށާއި ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން މުޙައްމަދު މާޖިދަށެވެ.

އޭގެއިތުރުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން މޫސާ ލަޠީފަށާއި ކުޅިވަރުގެ ދާއިރާއިން މުޙައްމަދު ނާޞިރަށާއި ކުޅިވަރު ހިންގުމުގެ ދާއިރާއިން އަޙްމަދު މުޙައްމަދަށާއި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޙަސަންމަނިކަށް ޝަރަފުގެ ޤައުމީ އިނާމު ލިބިލައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 10 ބޭފުޅުންނާއި، ކުންފުންޏަކީ:

1. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ

2. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި

3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ދަފްތަރު ނަންބަރު ރސ 12132

4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ

5. ތަޢުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި

6. މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު ، ވާކަރުގެ، ގއ. ވިލިނގިލި

7. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް

8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފުކޮށް، ތަރައްޤީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް

9. ބޯޓް ބިލްޑިންގގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: ޢަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި

10. ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ

11. ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙުސައިން ޢަލީ، ނޫރާނީމާގެ، ނ.ހެނބަދޫ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން