ގައުމަށް ވަފާތެރި ދަރީން ބިނާކުރަން މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ކާބަފައިންނަކީ މި ގައުމުގެ ދިފާއުގައި ހުރިހައި މާނައެއްގައި ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއް ކަމަށެވެ. އަދި އެކަމަށް ދިވެހި ތަރިކަތައް ވެސް ހެކިދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދިކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް އެ އަސާސުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަން ފަށައި ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކޮށް ދާއިރާގެ ތައުލީމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތަބީއީ ސިއްރަކީ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުޤު ކަމުގައިވުން ކަމަށެވެ.

އެހެންކަމުން ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށާ އަދި ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައި ވެސް ގުޅިފައި އޮންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން