ރައީސް އިބްރާހިމް މުހަންމަދު ސޯލިހް: އެމަނިކުފާނު ވަނީ ހިޖުރީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް: އެމަނިކުފާނު ވަނީ ހިޖުރީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ
ކޮވިޑްގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށް ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިކަމަށް އެދިވަޑައިގެންފައިވަނީ ހިޖްރީ އައު އަހަރެއް ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސް ސޯލިހްގެ ޚިތާބުގައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، "ކޯވިޑް-19"ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްޤީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޯވިޑް-19"ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމަށެވެ. އަދި ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ޙާލަތްތަކުގައި އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތަކަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެއީ، ދަތި އުނދަގޫ ޙާލަތްތަކުގައި، ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. މިއަދު ޢަޒުމަކަށް ހަދަންވީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، ހަރުލެއްވުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ޚިޠާބުގައި ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވިއިރު، މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޙާލަތެއްކަމުގައި ވިދާޅުވެފައި ވެއެވެ. ހިޖްރައިން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެފަދައިން، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމު ކަމަށާއި، ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ރައީސް ސޯލިހް ފާހަގަ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން