ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލުމަށްފަހު ރައީސްގެ ދެކަނބަލުންނާ ޖަލީސުން ސަލާމް ކުރަމުންދިޔަ ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދާ ބައެއް ފިރިހެނުން ސަލާމް ނުކުރެއްވުމުން ދެރަފުޅުވި ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"އެކްސްގައި" ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގެންނެވުމުން ވަރަށް އުފާފުޅުވި ކަމަށެވެ. ނަމަވެސް ޖަލްސާއަށް ވަޑައިގެންނެވި ގިނަ ފިރިހެނުން ސާޖިދާއާ ސަލާމް ނުކުރެއްވުމުން ވަރަށް ދެރަފުޅުވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.



"ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށް އުފާވި، ހަމަ އެއާއެކު ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވި ތަން ފެނުމުން ވަރަށް ދެރަވި،" ރާއްޖޭގައި ދިގު ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވިއެވެ.

އިސްލާމްދީނުގައި ހިލޭ ފިރިހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވެއެެވެ. ބައެއް ބޭފުޅުން މެޑަމް ސާޖިދާއާއި ސަލާމް ނުކުރެއްވީ އެ ސަބަބަށްޓަކައި ކަމަށްވުން އެކަށީގެންވެއެވެ.

ރައީސް މައުމޫނަކީ ވެސް މިޞްރުގެ އަލް އަޒުހަރު ޔުނިވަސިޓީ އިން ދީނީ ތައުލީމް ހާސިލްކުރަށްވާފައިވާ ފުންނާބު އުސް ދީނީ އިލްމްވެެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން