ފައިސާގެ ބޮޑެތި އިނާމުތައް ލިބޭ ގޮތަށް ކ. ގުރައިދޫގައި ގަސްއިންދުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

"ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތް" ނަމުގައި އެ ރަށުގެ ކައުންސިލުން ކުރިއަށް ގެންދާ އެ މުބާރާުތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "ރަސް"އަށް ވިދާޅުވީ މިއީ އެ ރަށުގެ މަގުތަކުގައި ގަސް ގިނަކުރުމުގެ ނިޔަތުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އަދި ހާއްސަކޮށް މާއަޅާ ގަސްތައް އިތުރުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ބުނީ އެ މުބާރާތް ކުރިއަށްދާނީ ގުރައިދޫ 14 ސަރަޙައްދަކަށް ބަހާލައިގެން އެ ސަރަޙައްދުތަކުގެ މެދުގައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

އަދި މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގެ ތަޖުރިބާ ހުރި ރަށުންބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ސަރަޙައްދު ހޮވައި، އިނާމުގެ ގޮތުގައި އެއް ވަނަ ސަރަޙައްދަށް -/30،000 ރުފިޔާ، ދެވަނަ ސަރަޙައްދަށް -/20،000 ރުފިޔާ އަދި ތިން ވަނަ ސަރަޙައްދަށް -/10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން