މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާ ގުޅިގެން ދެއްވި ހާއްސަ ހިތާބުގައި ނައިބު ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެމަނިކުފާނު ވަނީ ޤައުމުދެކެ ލޯބިވުން އިސްކުރުމަށާއި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

ޤައުމީ ދުވަސް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް އަޒުމު ކަނޑައަޅަންވީ އިގްތިސާދީ އަދި ސިޔާސީގޮތުން ދިވެހި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށްކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓާ، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބޭއްވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންޖެހޭނެކަމަށެވެ.

މީގެ 465 ވަރަކަށް އަހަރު ކުރިން މުޙައްމަދު ތަކުރުފާނު އިސްވެ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށް އޮތް ނަމޫނާއެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި މަތިވެރި ޖިހާދުން ޢިބުރަތް ޙާސިލްކޮށް މި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށް ކޮންމެ ދިވެއްސަކުވެސް އަޒުމު ކަނޑައަޅަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ބޮޑުތަކުރުފާނުގެ ޖިހާދުން އިބުރަތް ހާސިލްކޮށް ޤައުމުގެ ހައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރިންތަކެއް ބިނާކުރުމަށް އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަންޖެހޭ. ސަރުކާރުގެ ސިޔާސަތަކީ އެންމެ ފުރަތަމަ މި ޤައުމަށް އިސްކަންދިނުމުގެ ސިޔާސަތު. ރައީސް އަބަދުވެސް ގެންދަވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިންގެ އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް މަސައްކަތްކުރައްވަމުން." ނައިބު ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން