ވެރިރަށް މާލެ ސިޓީގައި އިމާމުވެ ހުކުރު ކުރާ މީހުންގެ ދަފްތަރު އެކުލަވާލުމުގެ ގޮތުން އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މާލެ ސިޓީގައި ހުކުރު ނަމާދުކުރާ އިމާމުންގެ ދަފްތަރު އެކުލަވާލުމުގެ ގޮތުން އިމާމުންގެ ފެންވަރު ވަޒަންކުރުމަށް އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަލުން ދަފްތަރު އެކުލަވާލާއިރު މާލޭގައި ހުކުރުކުރުމުގެ ފުރުސަތު ދޭނީ އިންޓަވިއުއަށްފަހު ހުކުރުކުރެވޭނެކަމަށް ވުޒާރާއިން ކަނޑައަޅާ އިމާމުންނަށްކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޓަވިއުގައި ބައިވެރިވުމަށް އިމާމުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ. އަދި އިންޓަވިއުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ގޫގުލް ފޯމު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުން ލިބޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

މާލޭ ސިޓީގެ މިސްކިތްތަކުގައި ހުކުރު ޚުޠުބާ ކިޔާ ފަރާތްތަކުގެ ދަފްތަރު މުރާޖާކޮށް އަލުން އެކުލަވާލަން ނިންމާފައި މިވަނީ ޚުޠުބާ އިއްވުމުގައި ބައެއް އިމާމުން ކުށްކިޔާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން ތަމްރީންކުރުމުގެ ގޮތުން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގުރާމްތަކެއްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާކަން ފާހަގަ ކުރެވެއެވެ. އަދި ޒުވާން ޚަޠީބުން ތަމްރީންކުރުމަށްވެސް ސްކޫލް ނިންމާ ޒުވާނުންނަށް އަމާޒުކޮށްގެން ޕްރޮގުރާމްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން