ޕްރޮސެކިއުޓަރ ޖެނެރަލް
ޕްރޮސެކިއުޓަރ ޖެނެރަލް
ތަހުގީގީ އިދާރާތަކުން ޖޮއިންޓް ތަހުގީގެއް ކުރިއަށް ގެންދާނަމަ، އެކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ސަމާލު ކަމަށް ގެނައުމަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ތަޙުޤީޤީ އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނިންމާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލު ކަމަށް ގެނައުމަށް އެދޭ ކަމަށެވެ. އަދި ތަޙުޤީޤު ކުރަމުންދާ މައްސަލަ އަކީ އެ އިދާރާއަކަށް ތަޙުޤީޤު ކުރުމުގެ އިޙްތިޞާޞް ނުލިބޭ މައްސަލައެއްކަން އެނގިއްޖެނަމަ، އެ މައްސަލައެއް ތަޙުޤީޤު ކުރުމުގެ އިޙްތިޞާޞް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ވެސް ޕީޖީ އޮފީހުން އެދިފައިވެއެވެ.

އަދި ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގައި ތަޙްޤީޤީ އެހެން އިދާރާއަކަށް ތަޙްޤީޤްކުރުމުގެ އިޙްތިޞާޞް ލިބޭ ކުށެއް އެކުލެވިގެންވާކަން އެނގިއްޖެނަމަ، ތަޙްޤީޤް ނިމެންދެން މަޑުނުކޮށް، އެ ކުށުގެ ބައި އިޙްތިޞާޞްލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.

ޕީޖީ އޮފީހުން ބުނީ، ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމުގެެ ބާރު ލިބިފައިވާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އެ ފަދަ ޙާލަތްތަކުގައި ޕީޖީ އޮފީހުން ދަންނަވާފައިވާ ގޮތަށް ޢަމަލު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އިރުޝާދު ދެއްވާ ކަމަށެވެ. އަދި ޖިނާއީ މައްސަލަތައް ތަޙުޤީޤީ ކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢަމަލު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން މިފަދަ އެންގުމެއް އަންގާފައިމިވަނީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަންނަން ހަވާލުކުރުމުގައި މަކަރާ އޮޅުވާލުމާއި ވަގު ހެދި މައްސަލަ ތަހުގީގް ކުރުމަށް ރައީސް ސޯލިހް ފުލުހުންނާއި އޭސީސީ އަށް އަންގަވާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވާ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ފާހަަގަކުރައްވާފައިވާ މައްސަލަތައް ތަހުގީގް ކުރަނީ ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް ތަހުގީގެއްގެ ގޮތުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން