ސުކޫލެއްގެ ކްލާސްރޫމެއްގައި ކިޔެވުން ކުރިއަށްދަނީ: ކުރިއަށްއޮތް ދެ ހަފުތާގައި ވެސް މާލޭގެ ސުކޫލުތައް ބަންދުވާނެ
ސުކޫލެއްގެ ކްލާސްރޫމެއްގައި ކިޔެވުން ކުރިއަށްދަނީ: ކުރިއަށްއޮތް ދެ ހަފުތާގައި ވެސް މާލޭގެ ސުކޫލުތައް ބަންދުވާނެ
ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ނުދޭގޮތަށް ނިންމައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ފެށީ ޖުލައި އެއް ވަނަ ދުވަހުއެވެ. އަދި މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 ން 12) އަށެވެ. މީގެ އިތުރުން ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް އީދު ބަންދާއި، މިޑް ޓާމު ބަންދަށް ސްކޫލްތައް ބަންދުވުމަށްފަހު އޮގަސްޓް ނުވައެއްގައި އަލުން ސްކޫލްތައް ހުޅުވިއިރު، މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވާފައެެއް ނުވެއެވެ. އެއީ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކުރިއަށް އޮތް ދެހަފުތާއަށް (23 އޮގަސްޓު 2020 އިން 3 ސެޕްޓްމަބަރު 2020އަށް) ކިޔަވާދިނުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު މިހާރު މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 6000 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން