ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް މިހާރަށްވުރެ ރަނގަޅު އީ.ގަވަމަންޓް ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

"ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވިޓީ"ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އައު ތަޖުރިބާތަކެއް ކުރެވި ގިނަ ކަންތައްތަކެއް ދަސްވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ސަރުކާރުން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މިހާރަށް ވުރެ ރަނގަޅު އީ.ގަވަމެންޓް ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ މަލީހް ވިދާޅުވިއެވެ. ކޮންވެންޝަނަލް ޓެކްނޮލޮޖީ ދޫކޮށް ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުން ޢާއްމުންނަށް ދެމުންދާ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހަދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްވެސް ޙާލެއްގައި ޢާއްމުންނަށް ދައުލަތުން ފޯރުކޮށްދޭ ޚިދުމަތް ހުއްޓުމަކަށް ނައިސް ދެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަމަށް ވެސް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މިކަން ކުރުމަށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލަންޖެހޭކަމަށާއި އެކަން ޙާސިލުކުރުމަށް ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށް މިނިސްޓަރ މަލީޙް ފާހަގަ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މަލީޙްވަނީ ކޯވިޑް-19ގެ މިދަނޑިވަޅުގައި މިބަލިމަޑުކަމުން އަރައިގަތުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު ނިސްބަތުން ކޯވިޑް-19އަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައިވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާލޭގެ އިތުރުން އަތޮޅުތައްވެސް ޑިޖިޓަލީ ގުޅާލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އިން ބުނީ ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވިޓީ" ބައްދަލުވުމަކީ ޑިޖިޓަލް އިންކްލޫޝަން އަދި އިނޮވޭޝަން ނުވަތަ ޓެކްނޮލޮޖީގެ ގޮތުން އެންމެން އެއްހަމަކޮށް އިންގިލާބީ ބަދަލަކާ ދިމާލަށް ދިޔުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން މިބައްދަލުވުމުގައި އޭޝިއާގެ އެހެން ސަރަޙައްދުތަކުން އިސްވެރިންވަނީ ބައިވެރިވެފައެވެ. އެގޮތުން ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީއާއި ގޫގުލް އިން އޭޝިއާ ޕެސިފިކްގެ އިތުރުން އަލީ ބާބާ ގްލޯބަލައިޒޭޝަން އޮފީހުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން