ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޢާއިޝަތު ރިޒުނާ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަރުޢީ ދާއިރާގެ އިދާރީ ކަންކަމުގެ އިސްވެރިޔާ އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އެމަގާމުން އިސްތިއުފާ ދެއްވައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހުސައިން ރިޒާއަށް ފޮނުއްވި ސިޓީގައި ޢާއިޝަތު ރިޒުނާ ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެއްވޭނެ މާހައުލެއް ނެތުމުން ކަމަށެވެ.

ރިޒްނާ ވިދާޅުވީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމަށެވެ. އަދި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް އޭނާ އަށް ލިބިފައި ނުވާކަމަށް ރިޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމާފައިނުވާ ކަަމަށާއި އެކަން ހައްލުކުރަން މިހައި ތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާ ކަމަށް ވެސް ރިޒްނާ ވިދާޅުވިއެވެ. ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދަން އެކަމުގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށް ވެސް ސިޓީގައި ރިޒްނާ ފާހަގަކުރެެއްވިއެވެ.

ރިޒްނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައި ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ. އޭނާއާ ގުޅޭ ގޮތުން ބަލަނީ މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކަކާއި ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒްނާ އައްޔަން ކުރައްވާފައިވަނީ 2020 އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން