މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި މާދަމާ އަލުން ހުޅުވުން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާދަމާ ހުކުރު ނަމާދަށް އެ މިސްކިތުގެ ތިރީ ބައި ހުޅުވުމުގެ ގޮތުން ކުރިއަށްދާ އެންމެ ފަހުގެ ތައްޔާރީތައް މޭޔަރ އާދަމް އާޒިމް ބައްލަވައިލައްވާފައިވާ ކަމަށެވެ.

މި މިސްކިތުގެ މަސައްކަތް ނިމޭއިރު 3،200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށް މާލޭ ސިޓީކައުންސިލުން ވަނީ ބުނެފައެެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި، އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޟޫކުރާ ތަނެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށްދާ ބޭފުޅުން މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއް ތަރައްގީ ކުރަން ވަނީ ނިންމާފައެވެ.

އާސަހަރާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމް ވެސް ހުންނާނެއެވެ. އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ އެންމެހާ ކަމެއް މިހާރު ކުރިއަށް ދަނީ ހުޅުމާލޭ ސަހަރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން