ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރިދެމިހުރުމަކީ އުނދަގޫކަމެއްކަން ކޯވިޑް-19 އިން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވީ އ.ދ. އަށް 75 އަހަރު ފުރުމާއި ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ރާއްޖެއިން ތައްޔާރުކޮށްފައިވާ "ޝޭޕިންގ އަވަރ ފިއުޗަރ ޓުގެދަރ،" ވީޑިއޯ އަށް ދެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ބަލިމަޑުކަމާއި ގުޅިގެން އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެއްސެން ނެތްކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ފަރުދުންގެ ހެވާއި ލާބައާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމަޢުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ވީޑިއޯގައި އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަފާތު ދާއިރާތަކަށް އަލިއަޅުއްވައިލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުންވެސް ރާއްޖޭގެ އެކި ފަންނުތަކާއި ފަންތިތަކުގެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ ޚިޔާލާއި ފިކުރު ހާމަކުރައްވައި، ކުރު މެސެޖުތަކެއް ދެއްވާފައެވެ.

މި ވީޑިއޯއަށްފަހު "ޔޫ.އެން. 75" އާއިގުޅޭ ޚާއްޞަ ސަރވޭއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސަރވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އ.ދ. އިން ކުރިއަށް ގެންދިޔުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށްގެންދިޔަ ސަރވޭއެކެވެ.

މި ޙަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަޒްވެލްއެވެ.

"ޔޫ.އެން. 75" ގެ ޝިއާރާއި ހަރަކާތްތައް ބިނާވެފައި ވަނީ 24 އޮކްޓޫބަރު 2019 ގައި "ޔޫ.އެން" ދުވަހުގެ މުނާސަބަތުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޝް ދެއްކެވި ވާހަކަފުޅުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެކެން ބޭނުންވާ މުސްތަޤްބަލް ބިނާކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން