ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވަނީ މުހައްމަދު ތަކުރުފާނު ފެއްޓެވިފަދަ އިސްލާހީ މަސައްކަތެއްކަމަށެވެ.

އެގޮތުން މުހައްމަދު ތަކުރުފާން ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން ރާއްޖެއަށް ލިބުނީ އައު މޫސުމެއްކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ފައްޓަވާފައިވަނީ އެފަދަ އިސްލާހީ މަސައްކަތެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ އަޚްލާޤު އިސްލާހު ކުރެއްވުމާއި ރާއްޖޭގެ މިނިވަންކަން ބާރުގަދަ ކުރައްވާ އިސްލާހު ކުރެއްވުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރެއްވުމާއި ޒުވާނުންގެ ހުނަރާ ފަންނުވެރިކަން އިޔާދަކޮށް އިސްލާހު ކުރެއްވުމުގެ އިތުރުން ދިވެހީންގެ ތާރީޚާ ތަރިކަތައް ދިވެހިންގެ ހިތްތަކާ ދިރިއުޅުމުގެ ބަޔެއްކަމަށް ގެންނަވާ ދިވެހިންގެ ރޫހު ގެނެސް އިސްލާހުކުރުމުގެ މަސައްކަތް ރައީސް މިހާރު ފައްޓަވާފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

"ރައީސަކީ އަދުގެ ތާރީޚުގެ މުސްލިހު، ރައީސް ޑރ. މުއިއްޒަކީ ދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ،" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެންމެންގެ މަދަދުވެރިކަމާއެކު ދިވެހި އަޚްލާޤީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރައްވާނެކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ މި ޤައުމުގައި އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭކަމަށެވެ. ދިވެހީންގެ އަމިއްލަވަންތަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ކުރީގެ ރިވެތި ސިފަތައް ގެންނަން ބޭނުންފުޅުވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން." ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން