ކާރު ދުއްވާ މީހުންނަށް ފުރާނައިގެ އަގު ވަޒަން ކޮށްދިނުމާއި ބެހޭ ކޯސް ހިންގަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ، ޝައިޚް ޢަލީ ޒައިދު ގޮވާލައިފިއެވެ.

ޢަލީ ޒައިދު ވިދާޅުވީ އާންމުން ދުއްވާ މަގުތަކުގައި ސްޕޯޓްސް ކާރު ދުއްވާނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ހަރުކަށި އަދަބު ތަންޒީރު ކުރެވެންޖެހޭ ކަމަށާއި އެފަދަ ފަރާތްތަކުގެ ކާރުތައް ނައްތާލަންޖެހޭ ކަމަށެވެ.

ޝައިޚް ޒައިދު މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ރޭ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ދިވެހި ޒުވާނާ ނިޔާވި ހާދިސާއާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، ބައެއްގެ އެންޖޯއިމެންޓަށް [ހިތްހަމަޖެހުމަށް] ދުއްވާލަނީ އަނެކާގެ ފުރާނަ ކަމަށެވެ. މިފަދަ ވައްތަރުތަކުގެ ކާރު ދުއްވާ މީހުންނަށް ފުރާނައިގެ އަގު ވަޒަންކޮށްދިނުމާއި ބެހޭ ކޯސް ހިންގަންޖެހޭ ކަމަށެވެ.

"އޭރުން ނޫނީ މިކަމެއް ހައްލެއް ނުވާނެ. މިދައްކަނީ ފުރާނައިގެ ވާހަކަ ވިއްޔާ" ޒައިދު ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ސްޕޯޓްސް ކާރާއި ދެކޮޅަށް އަޑު އުފުލަމުންކަން ފާހަގަ ކުރެވެއެވެ. ބައެއް ފަރާތްތަކުން ސްޕޯޓްސް ކާރާއި ދެކޮޅަށް އަޑުއުފުލަމުން އަންނައިރު، އަނެއްބައި ފަރާތްތަކުން ބުނެފައިވަނީ އެއީ ކޮންމެހެން ކާރުގެ މައްސަލައެއް ނޫން ކަމަށާއި އެފަދަ ހާދިސާތައް ހިނގަނީ ދުއްވަން ހުންނަ މީހާ ބަލަން ޖެހޭ ވަރަށް ނުބަލައި، ގަވައިދުތަކަށް ބޯނުލަނބަތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން