ބާރަށް ދުއްވުމުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި، އެ ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ރޭ ވަނީ ނިޔާވެފައެވެ.

ސަމާހުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އެ މަނިކުފާނު މިހާރު އަންގަވައިފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި ސަމާހު މަރުވުމާއި ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވި ހަސަން ސަމާހަކީ ކަރެކްޝަންސްގެ އޮފިސަރެެކެވެެ. ސަމާހު ނިޔާވީ މެރަތަނެއްގައި ބައިވެރިވުމަށް ކ. މާފުށިން އައިސް އުޅެނިކޮށެވެ. ސަމާހް ނިޔާވީ އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއްވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން