ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާނަމަ އެކަމާ ދެކޮޅަށް ކައުންސިލްތަކުން ނުކުންނަ ދުވަސް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވަނީ ސަރުކާރުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަކިގޮތަކަށް ކުރަމުން ދަނިކޮށް ރައީސް އެކަންކަން ބަދަލު ކުރައްވާކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި އެގޮތަށް ބަދަލުކުރާ ކޮންމެ ކަމަކީ ބަޣާވާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް ވެސް "ބަޣާވާތެއް" އެބައޮތް ކަމަށާއި ދެން އޮތް ބަޣާވާތްތަކުގެ ތެރޭގައި، ކައުންސިލްތަކުން ކުރަން އުޅޭ "ބަޣާވާތް" ހިމެނޭ ކަމަށެވެ. ޒިޔާދުގެ ވާހަކައިގައި ވިދާޅުވީ އެ "ބަޣާވާތަކީ" ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާގޮތަށް މިހާރު ހުށަހެޅިފައިވާ ބިލުގެ ސަބަބުން ކުރާ "ބަޣާވާތެއް" ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަރބަން ޚިދުމަތްތަކާބެހޭ ބިލަކީ ކައުންސިލްތަކަށް ދީފައި އޮތް ބާރުތައް އަތުލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އަދި މިހާރު އޮތްގޮތަށް އެ ބިލު ފާސް ކޮށްފިނަމަ ކައުންސިލްތަކުން މަޑުން ނުތިބޭނެ ކަމަށާއި ރަށްތަކަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަންނައިރު އެމްޑީޕީން މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށެވެ. އަދި ކައުންސިލްތަކުން މާލެ ވެސް އަންނާނެ ކަމަށާއި ގޮޅިއަށް ދާންޖެހިއްޖެ ނަމަ ގޮޅިއަށް ވެސް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަރބަން ޚިދުމަތްތައް އަތޮޅުތަކުގައި ދިނުމާ ގުޅޭގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަތް އަރބަން ސެންޓަރު ގާއިމުކުރާއިރު އެ ރަށްރަށުގެ ބިމުގެ ޕްލޭންތައް ހެދުމާއި ބިން ދޫކުރުމާއި ބިން ބޭނުން ކުރުމުގެ އެންމެހާ ކަންކަމުގެ ހުރިހާ ބާރެއް ދޭގޮތަށް އޮންނަނީ އަރބަން ސެންޓަރުތަކުގެ އޮފީސްތަކަށެވެ. އެ ބާރުތަކަކީ މިހާރު ކައުންސިލްތަކަށް ދީފައިވާ ބާރުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން