ރައްޔިތުންގެ ރައްކާތެރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއި އެކު އެމަނިކުފާނަށް އޮތް ތާއިދު އިތުރުވެގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އެންގެވުމާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރަށްވައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަލުވި ފިޔަވަޅުތަކަކީ މިހިނދުން މިހިނދަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.



"މިފަދަ ނިންމެވުންތަކުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވެ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ކުރާ އިތުބާރާއި ތާއީދު ބޮޑުވަމުންދާނެ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ވަނީ ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި އަދިވެސް އިތުރު ހަރުކަށި ބައެއް ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ. ހަމައެއާއެކު މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށްވެސް އެމަނިކުފާނު އެންގެވިއެވެ.

ރައީސް އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ކަމާގުޅުން ހުރި މުވައްސަސާ ތަކަށް އެންގެވީ މާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމުވެ ބައެއް ހާދިސާ ތަކުގައި މީހުންގެ ފުރާނަ ގެއްލި ހިތާމަވެރި ހާދިސާތައް އާންމުވަމުން ދާތީއެވެ. އެގޮތުން ރައީސް މިކަން އިޢުލާން ކުރެއްވީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު ނިޔާވި ހާދިސާއަށްފަހުއެވެ. ސަމާޙް ނިޔާވި އެ ހާދިސާ ހިނގީ ސްޕޯޓްސް ކާރަކުން ޖެހިގެން ލިބުނު އަނިޔާ ތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހުކުރު ވިލޭރޭ ދަންވަރު އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން