މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
ހުޅަނގުގެ ބައެއް ޤައުމުތަކުން ކާރބަން ބޭރު ކުރާ މިންވަރު މަދު ކުރުމަށް އެގައުމު ތަކުގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ނުވަތަ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވާރޗްއަލް ކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަޖިލިސްތަކުން ކަންކުރެވިދާނެ ގޮތްތަކާއި ގުޅޭ މުހިއްމު ހުށައެޅުންތަކެއް ވެސް ހުށައަޅުއްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ޤައުމުތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ކާރބަން ޖައްވުގެ ތެރެއަށް ބޭރުވެގެންދާ ކަން ފާހަަގަކުރައްވާފައެވެ. އެގޮތުން ފޮސިލް ފިއުލް އަންދާވަރު ގިނަވާ ވަރަކަށް، ޖައްވަށް ކާރބަން ބޭރުވާ ވަރުވެސް އިތުރުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެފަދައިން ކަން ކުރާ ޤައުމުތައް މުއްސަނދި ވަމުންވެސް ދާ ކަމަށެވެ.

އަދި ޤައުމުތަކުން އެކަން ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ "ސުއިސައިޑް" އެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން ކާރބަން ބޭރު ކުރާ މިންވަރަށް ވެސް އަލިއަޅުއްވާލައި ރައީސް ނަޝީދު ވަނީ ތަފާސް ހިސާބުތަކެއް ވެސް މިބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. އޮސްޓްރޭލިއާގައި އަހަރެއްގެ މައްޗަށް 10،000 ކިލޯވޯޓް/ގަޑިއިރަކަށް ބޭރު ކުރާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަވައްޓެރި ބަންގްލަދޭޝްއިން އެ އަދަދު އުޅެނީ 300 ގައި ކަމަށެވެ. އަދި އިތިއޯޕިއާގައި އެ އަދަދު އުޅެނީ 69 ގައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ކުރިއަރަމުން އަންނަ ޤައުމުތަކުން ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރެވޭނެ ހަމައެކަނި މަގަކީ ފޮސިލް ފިއުލް އެންދުން ނޫން ކަމަށެވެ. އެގޮތުން ތަރައްޤީގެ ޕްލޭންތައް ކުރާއިރު "ޒީރޯ ކާރބަން ޕްލޭން"އެއްގެ ދަށުން، 2050 ވަނަ އަހަރު އަންނަންވާއިރަށް ކާރބަން ބޭރު ކުރާ މިންވަރު 0ށް ހެދުމަށް އަމާޒު ހިފަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އިޤްތިސާދީ އަދި ހަކަތައާ ގުޅޭ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެފަދަ ޕްލޭންތައް ހިންގުމަށް މަޖިލިސްތަކުން އެ ޤައުމެއްގެ ސަރުކާރަށް ބާރުއެޅިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާލި ނަމަވެސް، އިޔާދަކުރަނިވި ހަކަތައިގެ އަގު ބޮޑުތަނުން ހެޔޮ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ މި ބައްދަލުވުމަކީ ދުނިޔޭގެ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ. އިންޓަރ ޕާލަމަންޓްރީ ޔޫނިއަންއާއި އޮސްޓްރިއާގެ ޤާނޫނު ހަދާ މަޖިލީހާ ގުޅިގެން އިންތިޒާމްކުރި މި ބައްދަލުވުމުގެ މިފަހަރުގެ ތީމަކީ ޕާލަމަންޓްރީ ލީޑަރޝިޕް ފޮރ މޯރ އިފެކްޓިވް މަލްޓިރިއަލިޒަމް ދެޓް ޑެލިވަރސް ޕީސް އެންޑް ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ފޯރ ދަ ޕީޕަލް އެންޑް ޕްލެނެޓް އެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަން

20-Aug-2020

އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮއްމެ ފަހަރަކު ގައުމު ފަހަތަށް ދާކަމަށް އެމް ޑީ ޕީމީހުން ގަބޫލު ކުރަންތަ ބޮޑިބަށް ކެވިފަ ހުރިމީހަކު ގަބޫލު ނުކުރާނެ



ޓްރެންޑިން