މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ދަޢުލަތުގެ ރިޒާވްގައި ހުރީ ޖުމްލަ 444 މިލިއަން ޑޮލަރު ކަމަށާއި ބޭނުންކުރެވޭ ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރު ވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖުލައި މަސް ނިމުނުއިރު ދަޢުލަތުގެ ޖުމްލަ ރިޒާވުގައި ހުރީ 395 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަދަދު އޯގަސްޓް މަސް ނިމުނުއިރު 444 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ 12 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެއާއެކު ޖުލައި މަހުގެ ނިޔަލަށް 45 މިލިޔަން ޑޮލަރުގައި ހުރި ޔޫޒަބަލް ރިޒާވް އޮގަސްޓުގެ ނިޔަލަށް 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ.

ދަޢުލަތުގެ ބޭނުންކުރެވޭ ރިޒާވްގެ މިންވަރު އިތުރުވެފައިވާއިރު އެމްއެމްއޭ އިން މީގެކުރިން ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު މިއަހަރު ދާނީ ކުރިއަށް ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ އަންދާޒާ ކޮށްފައެވެ.

ހަމައެހެންމެ ރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން