ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު (ވ)
ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު (ވ)
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު، މިއަދު ޢައްޔަންކުރަށްވައިފިއެވެ.

އަލްއުސްތާޛު ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރަށްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް އޮފީހުން ބުނީ އަލްއުސްތާޛު ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރަށްވާފައެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އެއަށްފަހު ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު ފަރުހާދު ރަޝީދު، ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަލްއުސްތާޛު ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން