ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް މި ޤާނޫނުގެ ބޭނުން ފުރިހަމަކުރުމަށް މުހިންމު ކަންތައްތަކެއް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ; މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ސިޓީ ކައުންސިލް، ރަށު ކައުންސިލް، އަރބަން ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކުގެ އިތުރުން، ޞިނާޢީ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކާއި، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކެވެ.

ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްޤީކުރެވޭނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބިން ތަރައްޤީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމާއި، މި ޤާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްޤީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ ތަރައްޤީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން ޢަމަލުކުރަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށާމް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

ބިލު ނަންބަރު 15/2024 ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ. މި ބިލަކީ، 22 އޮގަސްޓު 2024 ވި ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން