ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބަރަހަނާ ޗެނެލްތައް ހިންގައިގެން ދެ މިލިއަން ރުފިޔާގެ އާމްދަނީ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ ޓެލެގްރާމްފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ވިއްކާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ، 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އަދި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާކަމަށާއި އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި ދެމިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

"މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރަމެވެ." ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން