އަހުޒަމް އަޙްމަދު   9 ސެޕްޓެމްބަރު 2024 - 9:45
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެންނަ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހޯމް މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތަކަށް ބަދަލުގެނެސްފި އެވެ.

ހޯމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ބަދަލަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެންނަ ފަރާތްތަކަށް މިނިސްޓްރީއިން ދޭ އެކިއެކި ހިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް، ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަަމަށެވެ.

އެގޮތުން މި މަހުގެ 16 އިން ފެށިގެން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އަދި މި ފޯމު ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެ އެޕްލިކޭޝަންތަކަކީ މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ފޯމުތައް ހުށަހަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހު ކަމަށް ވެސް ބުނެފައި ވެއެވެ. މި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން