މަހުގެ އުފެއްދުންތައް މާކެޓްކޮށް، ޕްރޮމޯޓްކުރަން ހާއްސަ ބްރޭންޑެއް އުފައްދާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްސީ) އިން ކުރި އިއުލާނެއްގައި ބުނީ، މި މަސައްކަތަށް ޝައުޤުވެރިވާ ތަޖުރިބާކާރު ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެފްއޯއާރްއެމްސީ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އަހަރުގެ ފެބްރުއަރީ މަހު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޔަތް އިތުރަށް ފުޅާކޮށް، އެ ދާއިރާއިން މުޖުތަމައަށް ލިބޭ މަންފާ އިތުރުކުރުމެވެ.

މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން، އެކުއަކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް އެ ކޯޕަރޭޝަނުން ޕްރޮމޯޓް ކުރާނެއެވެ.

މީގެ ކުރިން ރާއްޖޭގައި މަސްވެރިކަމާ ގުޅުންހުރި ގިނަ މަސައްކަތްތައް ކުރަމުން އައީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންނެވެ. އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަތުމާއި، މަސް އެކްސްޕޯޓްކުރުމާއި، އައިސް ދޫކުރުމުގެ އިތުރުން ފެލިވަރުގެ ނަމުގައި މަހުގެ ތަފާތު އުފެއްދުންތައް ވިއްކަމުން ގެންދެއެވެ. ނަމަވެސް، އެމްއެފްއޯއާރްއެމްސީ އުފެއްދުމާ ގުޅިގެން މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން